2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފި

_DSC3411-Pano

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމެވި ގޮތަށް 59 މެންބަރުންގެ ވޯޓުން ފާސްކުރައްވައިފިއެވެ. އަދި ބަޖެޓް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައިވަނީ، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ހުށަހެޅި 11 އިޞްލާހަކަށް ވޯޓަށް އައްސަވައި މަޖިލީޙުގެ އަޢުލަބިއްޔަތު ނުލިބުމުން ފާސްނުވެފައެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއެވެ. ކޮމިޓީ ރިޕޯޓަށް ކަނޑައެޅުއްވާފައިވާ ބަހުސް ވަގުތުގައި 32 މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.

“ބަޖެޓް ދިރާސާ ކުރާ ކޮމިޓީ” އަކީ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ ގުޅިފައިވާ ކޮމިޓީއެކެވެ. 2016 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވާފައިވަނީ 12 ނޮވެމްބަރ 2015 ވީ ބުރާސްފަތި ދުވަހުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2015 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 ނޮވެންބަރު 2015 ވާ ބުދަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

11 ޞަފަރު 1437

23 ނޮވެންބަރ 2015