މަޖިލިސް ކުރިގޭގެ ތާރީޚް

ހަކުރާ ގަނޑުވަރު

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ސިރީކުލަ ސުންދުރަ ކައްތިރިބަވަނަ މަހާރަދުން ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހު ތަސްދީޤު ކުރެއްވުމާ ވިދިގެން ދެމަޖިލީހެއް އުފެދުނެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި ޤާނޫނު ހަދާ މަޖިލީހެވެ. މީގެތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފުރަތަމަ ދެއަހަރެއްހާ ދުވަހު ބޭއްވިފައިވަނީ ހަކުރާ ގަނޑުވަރުގައެވެ. ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވަނީ މުލިއާގޭ ފެންޑާގައެވެ. ހަކުރާ ގަނޑުވަރަށްފަހު. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ތަފާތު ޢިމާރާތްތަކުގައި ކޮށްފައިވެއެވެ. އޭގެތެރޭގައި މިހާރުގެ ޖުމްހޫރީ މައިދާން އެ އޮތްތަނުގައި ކުރިން ހުރި ”އިބްރާހީމިއްޔާ” ކިޔާ ޢިމާރާތުގެ މަތީބުރީގައާއި، ބޮޑު އިސްޓޯރާއި އިންވެގެން ހަދާފައިވާ ޢިމާރާތުގެ މަތީ ބުރި އަދި ދާރުލްޢުލޫމް ހިމެނެއެވެ.

އިބްރާހީމިއްޔާ

ހަކުރާ ގަނޑުވަރަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ތަފާތު ޢިމާރާތްތަކުގައި ކޮށްފައިވެއެވެ. އޭގެތެރޭގައި މިހާރުގެ ޖުމްހޫރީ މައިދާން އެ އޮތްތަނުގައި ކުރިން ހުރި ” އިބްރާހީމިއްޔާ” ކިޔާ ޢިމާރާތުގެ މަތީބުރީގައިވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވެއެވެ. އިބްރާހީމިއްޔާއަކީ، ހެންވޭރުގޭ އަޙުމަދު ކާމިލު ވަޒީރުއްދާޚިލިއްޔާގެ މަޤާމުގައި ހުންނަވައިގެން ބިންގާ އަޅުއްވާ އިމާރާތް ކުރެއްވި ތަނެކެވެ. އެތަން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފުރަތަމައަށް ބޭނުން ކޮށްފައިވަނީ ބޭރުގެ ހަނގުރާމަމަތީ ސިފައިން ބައިތިއްބާ އަދި މަތިންދާ ބޯޓަށް އަޅާ ތެޔޮ ރައްކާކުރާ ތަނެއްގެ ގޮތުގައެވެ. އެދުވަސްވަރު އެތަނަށް ”މަތިންދާ ބޯޓުގެ” ކިޔުނެވެ. ހަނގުރާމަ ނިމުމަށްފަހު ދުވަސްތަކެއް ވަކިކަމެއް އެތަނުގައި ނުކޮށް އެޢިމާރާތް ފަޅަށް ހުރުމަށްފަހު އިބްރާހިމިއްޔާއަކީ، ރައްޔިތުންގެ މަޖިލިސްލުރާ އިމާރާތް ކަމުގައި ހަމަޖެހުނެވެ. އޭރު މަޖިލީހުގެ ރައީސަކީ އަންނަބީލް އިބްރާހިމް ފަރީދެވެ.

ދާރުލްޢުލޫމް

”އިބްރާހީމިއްޔާ” އަށް ފަހު މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވަނީ، ދާރުލްޢުލޫމްގައިއެވެ. ދާރުލްޢުލޫމަކީ މަޙްކަމަތުލްއަޝްޣާލުން އިމާރާތްކުރެއްވި ބިނާއެކެވެ. އެތަން ހަދާ ނިމުނީ 1952 ވަނަ އަހަރުގެ ނިޔަލަށެވެ. އެ އިމާރާތް ބިނާކޮށްފައިވާ ބިމަކީ، ކުޑަރަންނަބަނޑޭރި ކިލޭގެފާނު އަމިއްލަފުޅު ބިމާއި އަތިރީގެ އަލީ އަޙުމަދު ދޮށިމޭނާ ކިލޭގެފާނު ބިމާއި އަދިވެސް ބައެއް ފަރާތްތަކުގެ އަމިއްލަ ބިން އެކުލެވިފައިވާ ސަރަޙައްދެކެވެ. ފުރަތަމަ ޖުމްހޫރިއްޔާ 1953 ގައި އިޢުލާނު ކުރެއްވީ ދާރުލްޢުލޫމްގައެވެ. އަދި އެކަމުގެ ހުރިހާ ރަސްމިއްޔާތުތަކެއްހެން ބޭއްވީވެސް އެތަނުގައެވެ.

ބޮޑުއިސްޓޯރުގެ އިރުންހުރި އިމާރާތް

” ދާރުލްޢުލޫމް” އަށް ފަހު މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވަނީ، ބޮޑު އިސްޓޯރުގެ އިރުމަތީ ބައިގައެވެ. ބޮޑު އިސްޓޯރުގެ އިރުމަތީ ބަޔަކީ އިސްޓޯރާއި އިންވެގެން އިރަށް ގޯޅީގެ އިރުމަތީ ފަރާތުން ހެދި ވަކި އިމާރާތެކެވެ. މި އިމާރާތުގައި އެންމެ ކުރިން ކޮށްފައިވާ ކަމަކަށް ފާހަގަ ކުރެވެނީ ޙަސަން  ނޫރައްދީނުއައްސާނީގެ ރަސްކަމަށް ކޮލިލީ ދުވަހު ދިވެހި ރައްޔިތުންގެ ވާރު ކަނޑުއްވާލެއްވުމާ ގުޅިގެން ސަރުކާރުގެ އާމްދަނީ ހިފެހެއްޓުމަށްޓަކައި ނަންގަވަން ފެއްޓެވި އާއިދާ ނަންގަވަން ފެއްޓެވުމެވެ. އެ އިމާރާތްވެސް ބިނާކޮށްފައިވަނީ ވުޒާރަތުލް އަޝްޣާލުގެ ބެއްލެވުމުގެ ދަށުންނެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާއަށް މާލޭގެ މޫނުމަތި ވަކިން ޚާއްޞަކޮށް މާލޭގެ ބަނދަރުމަތި ފުރިހަމަކުރުމުގެ ގޮތުން ކުރި މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

ނާދީތަމައްދުން

ބޮޑު އިސްޓޯރުގެ އިރުމަތީ އިމާރާތަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވަނީ، ނާދީތަމައްދުންގައެވެ. އަލްފާޟިލް އިބްރާހިމް ނާޞިރުގެ ވެރިކަމުގެ ފަހު ދުވަސްވަރާއި، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫންޢަބަދުލް ޤައްޔޫމްގެ ރިޔާސަތުގެ ގާތްގަޑަކަށް ވިއްސަކަށް އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވަނީ ނާދީތަމައްދުންގެ އިމާރާތުގައެވެ. އެ އިމާރާތުގައި ލަކުޑި އިސްޓޯރެއް ހިންގާފައި، އޭގެފަހުން އެ އިމާރާތުގައި އެއްވެސް ކަމެއްނުކޮށް ދުވަސްތަކެއް ވޭތުވުމަށްފަހު، ނާދީ ބަދަލުވެގެން ދިޔައީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްކުރާ އިމާރާތަށެވެ. ނާދީގައި ރައްޔިތުންގެ މަޖިލިސްކުރަން ފެށުމާއެކު ތަރައްޤީގެ ރޮނގުގައި ވަރަށް މުހިއްމު އާފިޔަވަޅެއް އެޅުނެވެ. އެއީ ނާދީގައި ”ޤައުމީ ކުތުބުޚާނާ” ގެ ނަމުގައި ކުތުބުޚާނާއެއް އުފެއްދުމެވެ. މިހާރު ހިނގަމުންދާ، ”ޤައުމީ ކުތުބުޚާނާ” ގެ ފެށުމަކީ ނަދީގައި ފެއްޓެވި ކުތުބުޚާނާއެވެ. މިއަދާ ހަމައަށް ނާދީއަކީ ހަމަޖކުރީއްސުރެ ހުރި އިމާރާތްނަމަވެސް އެ އިމާރާތަށް ބައެއް ބަދަލު ގެނެވިފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ދުވަހުން ދުވަހަށް އިތުރުވެ ދާއިރާ ފުޅާވުމާގުޅިގެން އިމާރާތުގެ ދަތިކަން އިޙްސާސްކުރެވޭތީ ނާދީގެ ހުޅަނގުން އާ އިމާރާތެއް ހެއްދެވުމުގެ ޚިޔާލުކުރެވިގެން 2 ބުރި އިމާރާތެއް ތައްޔާރުކޮށްފައިވެއެވެ.