ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގަޔާއި މަޖިލީހުގެ ކަންކަން ހިންގެވުމުގައި މަޖިލީހުގެ ރައީސަށް އެހީތެރިވެދެއްވަން ހުންނަވާ ބޭފުޅެކެވެ. މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ނުވަތަ މަޖިލީހުގެ ރައީސް އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި،  ވަގުތީ ގޮތުން އެ މަގާމުގެ ވާޖިބުތައް އަދާކުރައްވާނީ ޤާނޫނުއަސާސީގައި ނުވަތަ މަޖިލީހުގެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު މަޖިލީހުގެ ނައިބު ރައީސެވެ.

Moosa Manik

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބުރައީސަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކެވެ. އެމަނިކުފާނު މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބުކުރެވުނީ 28 މެއި 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައިސަކު އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި 42 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ.

އަލްފާޟިލް މޫސާ މަނިކްއަކީ 2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީއަށެވެ.