ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓަށް މަރުޙަބާ!

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އެއް ގޭގެ މައްޗަށް އެކުލެވިގެންވާ އިންތިޚާބު ކުރެވިފައިވާ 77 މެންބަރުން ހިމެނޭ މަޖިލީހެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން “ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.”

ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ޢާންމު ބާރުތަކުގެ ތެރޭގައި ތިރީގައިވާ ވާޖިބުތައް އަދާކުރުމާއި ތިރީގައިވާ ކަންތައްތައް ކުރުމުގެ ބާރުވެސް ހިމެނެއެވެ.

  1. ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ ބާރު
  2. ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭ ގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެ މަތިން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލު ގެނައުމާއި،  ޤާނޫނު ބަދަލު ކުރުމުގެ ބާރު
  3. ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި، މިކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުމުގެ ބާރު
  4. ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސް ކުރުމުގެ ބާރު
  5. މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަގާމުތަކާ ބެހޭ ގޮތުން ނިންމަންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެ މަތީން ނިންމުމުގެ ބާރު
  6. ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބާރު
  7. ރައްޔިތުންގެ މަޖިލީހުން އަދާކުރަން ޖެހޭނެ ކަމަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ވާޖިބުތައް އަދާކުރުމުގެ ބާރު

މަތީގައިވާ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ލިބެނީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އިންތިޚާބު ކުރެވޭ ކޮންމެ މަޖިލީހެއްގެ “ޢުމުރަކީ” މަޖިލިސް އިންތިޚާބު ކުރުމަށްފަހު،  ފުރަތަމަ ޖަލްސާކުރާ ތާރީޚުން ފެށިގެން 5 އަހަރު ދުވަހެވެ.

މަޖިލިސް އިންތިޚާބު ކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި، މަޖިލީހުގެ މެންބަރުންގެ ސިއްރު ވޯޓަކުން މަޖިލީހުގެ ރައީސްގެ މަގާމަށާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ.

މިހާރު ދިވެހިރާއްޖޭގައި ގާއިމުވެފައި މިވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެއީ 9 މެއި 2009 ގައި ބޭއްވުނު ޢާންމު އިންތިޚާބުގައި އިންތިޚާބުކޮށް، 28 މެއި 2009 ދުވަހު ހުވާ ކުރި މަޖިލީހެވެ. މި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ 28 މެއި 2009 ވަނަ ދުވަހުއެވެ. އެދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝާހިދު ވަނީ އިންތިޚާބު ވެވަޑައިގެންފައެވެ. ނައިބު ރައީސް ކަމަށް އިންތިޚާބު ކޮށްފައިވަނީ  ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ނާޒިމް އެވެ.

މި ޞޮފްޙާ ގައިވާ ލިންކްތައް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ކުރާ އެންމެހައި ކަންތައްތަކުގެ މަޢުލޫމާތު ސާފުވެވަޑައިގަންނަވާނެއެވެ.