ހުޅުމާލެ ކޯޓަށް ފަނޑިޔާރުންގެ ބެންޗް އެކުލަވާ ލެވިފައިވާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވައިފި

DSC_0942 (2)މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލެވިފައިވާ ފަނޑިޔާރުންގެ ބެންޗް އާއި ބެހޭގޮތުން، މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކޮމިޝަންގެ 2 މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

     މިގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުގެ ތެރެއިން ބައްދަލުކުރެއްވި 2 މެންބަރުންނަކީ އެޓަރނީ ޖެނެރަލް އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝުކޫރު އާއި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެތެރެއިން އިންތިޚާބުކުރެއްވި ޤާނޫނީ ވަކީލު އަލްއުސްތާޛު އަޙްމަދު ރަޝީދުއާ އެވެ. އަދި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ހަމީދު ކޮމިޓީއަށް ހާޒިރުވުމަށް އެދި ދެންނެވިފައިވާ ވަގުތުގައި ހައިކޯޓުގައި އެމަނިކުފާނު ހިމެނޭ މަޖިލީހަކުން މައްސަލައެއް ބެލުމަށްޓަކައި ތާވަލް ކުރެވިފައިވާ ގަޑިއެއް ކަމަށްވާތީ، އެގަޑީގައި ހާޒިރުވުމަށް އުޒުރުވެރިވާކަމަށް އަންގަވާފައިވެއެވެ.

     މީގެއިތުރުން، މިއަދު މެންދުރުފަހު ބޭއްވުނު މިކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައިވަނީ، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލެވިފައިވާ ފަނޑިޔާރުންގެ ބެންޗް އާއި ބެހޭގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް  އާއިއެކު އެ ކޮމިޝަންގެ 6  މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

     މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ ނައިބު މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ،  ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އެވެ.