ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން އިތުރަށް ރިޢާޔަތްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމަވާފައިވާތީ، ކޮމިޓީން ހުށަހެޅުއްވިގޮތަށް ފާސްކުރައްވައިފި

ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން އިތުރަށް ރިޢާޔަތްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމަވާފައިވާތީ، ކޮމިޓީން ހުށަހެޅުއްވިގޮތަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 36 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 6 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަޙުސް މިއަދުގެ ޖަލްސާގައި ކުރިއަށްގެންދަވާފައިވެއެވެ.

މި މައްސަލައަކީ “ގދ.އަތޮޅު މަދަރުސާ ގައި ޕްރިންސިޕަލް އާއި އެކަށީގެންނުވާ މިންވަރަކަށް ޓީޗަރުން ނެތުމުގެ ސަބަބުން އެ މަދަރުސާގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައިދެވެން ނެތުމުގެ ސަބަބުން ރަށުގެ އެންމެހާ ރައްޔިތުން ނިކުމެ 16 މާޗް 2013 ވީ ހޮނިހިރު ދުވަހުގެރޭ 10:00 އިން ފެށިގެން މަދަރުސާ ބަންދުކޮށް ޢާންމުހަޅުތާލަކަށް ނިކުމެ އިހްތިޖާޖް ކުރަމުންދާ ދިއުމަށް ސަރުކާރުން އެއްވެސް އަޅާލުމެއް ނުބެހެއްޓުމުގެ ސަބަބުން އެކަންކަން ހައްލުކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 149 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލަ” އެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަޙުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 27 މެންބަރުންގެ އިއްތިފާޤުންނެވެ. މި މައްސަލައަށް 33 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ހުޅުލޭގައި އޮންނަ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ޙިމާޔަތްކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. މިބިލަށް މިއަދުގެ ޖަލްސާގައި 5 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މީސްމީހުންގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަމާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރު ނެރުމާބެހޭ ބިލާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ބިލާއި ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ތިންވަނަ ކިޔުން އިއްވަވާފައިވެއެވެ. އަދި އާއިލާއާބެހޭ ގަވާއިދު 2001 ގެ 63 ވަނަ މާއްދާގެ (ހ) އަދި 65 ވަނަ މާއްދާގެ (ހ) އިޞްލާޙުކުރެއްވުމަށް އެދި ހުށަހެޅިފައިވާ މައްސަލަ، ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، މަލީޝާ ޙައްޖު އެންޑް އުމުރާ ސަރވިސަސްގެ ނަމުގައި ޙައްޖަށް ގެންދިއުމަށް ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި އޮޅުވާލުމާއި މަކަރުގެ ދަލުގައި ޖެހުނު ދިވެހި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލުމަށް މަޖިލީހުން ފާސްކުރާ ޤަރާރުގެ ބަހުސްގެ މަރުހަލާ ނިންމަވާލައްވާފައިވެއެވެ.

މިޤަރާރުގެ ބަހުސަށްފަހު ކުރިއަށް ގެންދެވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ. މިއަދުގެ ޖަލްސާގައި 2 މެންބަރަކު މިބިލަށް ބަހުސްކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ވަގުތު ހަމަވެގެން ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުންދިޔައީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 މާޗް 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

8 ޖުމާދަލްއައުލާ 1434

20 މާރޗް 2013