ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

ސަރުކާރުގެ ފަރާތުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި މިބިލަށް 10 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

އަދި މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދައުލަތުގެ މަސްއޫލު މަޤާމުތައް ފުރާ މީހުންގެ މުދަލާއި ފައިސާ ހާމަކުރުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. މިބިލަށް ބަހުސްކުރެއްވީ 10 މެންބަރުންނެވެ.

މީގެއިތުރުން މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، މަލީޝާ ޙައްޖު އެންޑް އުމުރާ ސަރވިސަސްގެ ނަމުގައި ޙައްޖަށް ގެންދިއުމަށް ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި އޮޅުވާލުމާއި މަކަރުގެ ދަލުގައި ޖެހުނު ދިވެހި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލުމަށް މަޖިލީހުން ފާސްކުރާ ޤަރާރުގެ ބަހުސް ކުރިއަށް މިއަދު ގެންދެވުނެވެ. މި ޤަރާރަށް ބަހުސްކުރެއްވީ 3 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އިޞްލާޙުކުރެއްވުމަށާއި އެ މާއްދާގެ (ރ) ގެ ފަހަތަށް ދެ އަކުރުއް އިތުރުކުރެއްވުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވާފައިވެއެވެ. އަދި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ 3 ވަނަ ކިޔުން އިއްވަވާފައިވެއެވެ. މިރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވީ 6 މެންބަރުންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 މާޗް 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

7 ޖުމާދަލްއައުލާ 1434

19 މާރޗް 2013