ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއިމެދު މަޝްވަރާކުރައްވައިފި

މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި 2 ވަނަ ސަބް ކޮމިޓީގެ 08 ވަނަ ބައްދަލުވުމުގައި، ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއިމެދު މަޝްވަރާކުރައްވައިފިއެވެ.

     އެގޮތުން 2007 ވަނަ އަދި 2008 ވަނަ އަހަރު ފައިސާ ދޫކުރުމުގައި އަދި ފައިސާ ބޭނުންކުރުމުގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދު ތަކުގެ މަޢުލޫމާތު ހޯއްދެވުމަށާއި އަދި އިތުރު މަޢުލޫމާތާއި އެކު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމެވިއެވެ.

     މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއެވެ.