ނޫސް ބަޔާން

5  މާޗް 2013 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރެއްވި ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ބިލު ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ ކަންތައް ނިންމަވައިދެއްވުމަށް ރައީސުލްޖުމްޖުމްހޫރިއްޔާގެ އަރިހަށް މަޖިލީހުން ފޮނުއްވާފައިވަނީ، 6 މާޗް 2013 ވީ ބުދަ ދުވަހުގެ މެންދުރުއެވެ. މި ދެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގެންފައިވަނީ އެދުވަހުގެ މެންދުރު 13:30 ގައިކަމަށް މަޖިލީހުގެ އިދާރާގެ ލިޔެކިޔުންތަކުން ފެންނަން އެބަހުއްޓެވެ.

ސިޔާސީ ޕާޓީގެ ބިލުގައިވާ އިމްލާކުށްތަކެއް އިޞްލާޙުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ބިލުގެ 4 ޞަފްހާއެއް މަޖިލީހުގެ އިދާރާއަށް ފޮނުއްވީ 11 މާޗް 2013 ވީ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައެވެ. އަދި އެ 4 ޞަފްހާގައިވާ ކުށްތައް އިޞްލާޙުކުރުމަށްފަހު އެ ޞަފްހާތައް އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުން އެ ލިޔުންތައް އެ އޮފީހުން ބަލައިގެންފައިވަނީ އެ ދުވަހުގެ ހެނދުނު 11:30 ގައިކަމަށްވެސް މި އިދާރާގެ ލިޔެކިޔުންތަކުން ފެންނަން އެބަހުއްޓެވެ.

1 ޖުމާދަލްއޫލާ 1434

13 މާޗް 2013