މިރޭ ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށްޓަކައި ހުޅުމާލެ ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައިވާ ގޮތާ ބެހޭގޮތުން ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަލްފާޟިލް އަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދަވައިފިއެވެ.
މިކޮމިޓީގެ ބައްދަލުވުމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ހާޒިރުކުރުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، ރަސްމީ މަސައްކަތްތައް ހުރި ގޮތުންނާއި، ކުރިން ތާވަލް ކުރެވިފައިވާ މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވުމުން، ކޮމިޓީއަށް ހާޒިރުވުމަށް ޢުޒުރުވެރިވާކަމަށް އެކަމަނާ ކޮމިޓީއަށް އަންގަވާފައިވެއެވެ.
މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ.