މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަންގެ ރައީސް އާ އަދި ނައިބު ރައިސް އާއި ބައްދަލުކުރައްވައިފި

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ހެނދުނު އާއި މެންދުރުފަހު ބޭއްވިފައިވެއެވެ. މިގޮތުން މެންދުރުފަހު ބޭއްވުނު މިކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި، ސިޔާސި ޕާޓީތަކުގެ ބިލު ތަސްދީގު ކުރެވިފައިވާ ހާލަތުގައި އޮއްވާ އެ ޤާނޫނަށް ބެއްލެވުމެއްނެތި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް މެންބަރުން ރަޖިސްޓަރީ ކުރަމުންދާ އުސޫލާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު އާ އަދި ނައިބު ރައިސް އަޙުމަދު ފަޔާޟް ހަސަން އާއި ބައްދަލުކުރައްވާފައިވެއެވެ. އަދި އެބޭފުޅުން މިމައްސަލައާއި ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށްފަހު، ވިދާޅުވެފައިވަނީ މެންބަރުން ފާހަގަ ކުރެއްވި މައްސަލަތައް ކޮމިޝަނުން މުރާޖާ ކުރެއްވުމަށްފަހު، ނިންމަވާ ނިންމުންތައް އަންގަވާނެކަމަށެވެ.

އަދި ހެނދުނު ބޭއްވުނު މިކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ 3 މެންބަރުން ސޮއި ކުރައްވައި ފޮނުއްވާފައިވާ، ކުރީގެ ރައީސް މުޙަންމަދު ނަޝީދު ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށްޓަކައި ހުޅުމާލެ ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައިވާ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަލްފާޟިލް އަބްދުﷲ ޝާހިދު މިރޭ 20:30 އަށް އަދި އެ ކޮމިޝަންގެ މެންބަރު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު 21:30 އަށް ހާޒިރު ކުރުމަށް ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ.

މީގެއިތުރުން، މިބައްދަލުވުމުގައި  މިމައްސަލަ ބެއްލެވުމަށްޓަކައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް އެކުލަވާލެވިފައިވާ ގޮތާބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނަށް މާދަމާ ބައްދަލުކުރެއްވުމަށްވަނީ ނިންމަވާފައެވެ.

     މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒުއެވެ.