މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އާއި އެކޮމިޝަންގެ މެންބަރަކާއި ބައްދަލުކުރައްވައިފި

މިރޭ ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި، ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ މައްސަލަ ބައްލަވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލަވާލެވިފައިވާ ގޮތާބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި ކޮމިޝަންގެ މެންބަރު އައްޝައިޙް ޝުޢައިބު ޢަބްދުއްރަހުމާނުއާ ބައްދަލުކުރައްވައިފިއެވެ.

އަދި ކޮމިޓީއަށް ވަޑައިގެންނެވުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އަށް މިއަދު ދެންނެވިފައިވީނަމަވެސް، މިއަދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާފައިވާތީ، މިރޭ ބޭއްވުނު ކޮމިޓީއަށް ވަޑައިގެންނެވުމަށް އެމަނިކުފާނުވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ސަލާމުގައި ހުންނެވުމުން، ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވައި ދެއްވާފައިވަނީ ކޮމިޓީގެ ނައިބު މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުއެވެ.

މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އަދި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދުއެވެ.