ކުރީގެ ރައީސް މުޙަންމަދު ނަޝީދު ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށްޓަކައި ހުޅުމާލެ ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައިވާ ގޮތާ ބެހޭގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް ފޮނުވުމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ ދިރާސާ ކުރައްވައިފި

DSC_0020މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި، ކުރީގެ ރައީސް މުޙަންމަދު ނަޝީދު ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށްޓަކައި ހުޅުމާލެ ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައިވާ ގޮތާ ބެހޭގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް ފޮނުވުމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ ދިރާސާ ކުރައްވައިފިއެވެ.

މިގޮތުން 6 މާޗް 2013 ވީ ބުދަދުވަހުގެ ރޭގެ ބައްދަލުވުމަށް އެ ކޮމިޝަނަށް ދެންނެވުމުން ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ހިއްސާ ކުރުމަށް އުޒުރުވެރިވާކަމަށް ބުނެ ފޮނުއްވާފައިވާ ސިޓީ އާއި އެކޮމިޝަންގެ އެ ނިންމުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ވެވަޑައިގަންނަވަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޝާހިދު ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީވެސް ކޮމިޓީގައި މަޝްވަރާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި، މިމައްސަލައާއި ބެހޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމަވާފައިވަނީ މިރޭ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ވަކި ވަކިން ބައްދަލު ކުރެއްވުމަށެވެ. މިގޮތުން 20:30 ގައި އެ ކޮމިޝަންގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، 21:30 ގައި އެ ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީ އަދި 22:30 ގައި އެ ކޮމިޝަންގެ މެންބަރު އައްޝައިޙް ޝުޢައިބު ޢަބްދުއްރަހުމާނު ކޮމިޓީއަށް ވަޑައިގެން ދެއްވުމަށް އެދި ދެންނެވުމަށެވެ.

ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ސަލާމުގައި ހުންނެވުމުން ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވައި ދެއްވާފައިވަނީ ކޮމިޓީގެ ނައިބު މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުއެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އަދި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދުއެވެ.