އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އަލުން ދިރާސާ ކުރެއްވުމަށް ނިންމަވައިފި

Jalsa todayމަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވައި ބިލު ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުވުމަށް ނިންމަވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 43 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 5 މެންބަރުން ވޯޓް ދެއްވާފައިވާއިރު 7 މެންބަރަކު ވަކިފަރާތަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް މިއަދު ބަހުސްކުރައްވާފައިވެއެވެ. މިގޮތުން 5 މެންބަރުން މިބިލަށް ބަހުސް ކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 11 މާޗް 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

25 ރަބީޢުލްއައްވަލް 1434

06 މާރޗް 2013