ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.
މިމައްސަލައަކީ ރާއްޖޭގެ ވެރިރަށް މާލެއާއި ރާއްޖޭގެ އަތޮޅުތަކުގެ މަގުތަކުގައި އެތަކެއް ރައްޔިތުންނަކަށް ފުލުހުންގެ ފަރާތުން ކުރިމަތި ކުރުވަމުންދާ އަނިޔާވެރި އަމަލުތަކުގައި 05 މާޗް 2013 ވަނަ ދުވަހު ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކުޑަކުދީން އަދި އުމުރުން ދުވަސްވީ މުސްކުޅީންނާމެދު، އެއްވެސް ބެލުމެއް ނެތި އަނިޔާވެރި ޢަމަލުތައް މޫނުފޮރުވައިގެން ތިބި ބަޔަކު ފުލުހުންގެ ނަމުގައި ކުރަމުންދާ ދިއުން ހުއްޓުވުމަށްޓަކައި ކަމަށްބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 17 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
އަދި ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 25 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރެވިފައިވެއެވެ.
ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 26 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 11 މާޗް 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
25 ރަބީޢުލްއައްވަލް 1434
06 މާރޗް 2013