އާންމު ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޕްރޮކިއުމަންޓާގުޅޭ މަސައްކަތްކުރާ ޑިޕާޓްމަންޓް / ސެކްޝަން / ޔުނިޓަކީ ބަޖެޓް ނުވަތަ ފައިނޭންސް މަސައްކަތްކުރާ ސެކްޝަނާ ވަކީން ޕްރޮކިއުމަންޓާގުޅޭ މަސައްކަތްކުރުމަށް މަރުކަޒީ ކުރެވިފައިވާ މަސައްކަތެއްގެ ގޮތުގައި ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެދިވަޑައިގެންފައިވާތީ، އެމިނިސްޓްރީން އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރެއްވިއެވެ.

މީގެއިތުރުން، ޤާނޫނު ނަންބަރ 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ފަނޑިޔާރުންނަކީ އެކަށީގެންވާ ރައްކާތެރިކަމެއް ލިބިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅުންނަށްވާތީ މިހާރުގެ މިމުޖުތަމަޢުގެ ހާލަތުހުރިގޮތަށް ރިޢާޔަތްކުރައްވާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކުރައްވާ ފަނޑިޔާރުންނާ ޙިއްސާކުރައްވާފައިވާ “ސެކިއުރިޓީ ސަރވޭ ރިޕޯޓް” ގައި ބަޔާންކޮށްފައިވާ ފެންވަރަށް ފަނޑިޔާރުން ދިރިއުޅުއްވާ ގެކޮޅުތަކުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީން އާންމު ކޮމިޓީއަށް ފޮނުއްވި މިމައްސަލައާމެދު މިއަދު ނިންމަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު/ މެންބަރުން އެދިވަޑައިގެންފައިވާނަމަ، މި ޚަރަދު މެންބަރަކަށް / މެންބަރުންނަށް ފޯރުކޮށްދެވިފައިވޭތޯ މަޢުލޫމާތު ސާފުކުރެއްވުމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައިދެއްވީ ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުއެވެ.

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދުއެވެ.