ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ގެ ދަށުން 3 މެންބަރުން ސޮއިކުރައްވާ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރައްވައިފިި

DSC_0031މިރޭ ބޭއްވުނު މިއަހަރުގެ އިމްތިޔާޒް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، ކެދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ މިއަދު (5 މާޗް 2013) ހަވީރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަންދުކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ގެ ދަށުން 3 މެންބަރުން ސޮއިކުރައްވާ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ކެދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ބަންދުކުރުމާއި ގުޅޭގޮތުން، އެމެންބަރު ކޮމިޓީއަށް ވަޑައިގެން މެންބަރުންނާއި ޙިއްޞާކުރެއްވި މަޢުލޫމާތުގެ އަލީގައި، ކޮމިޓީން ނިންމަވާފައިވަނީ، މެންބަރު ހުއްޓުވި ބޭފުޅާކަމުގައިވާ ޕޮލިސް ލ. ކޯޕްރަލް ޝިފާން ރަޝީދު، ސ. ނަމްބަރ 3678 އާއި ފުލުހުންގެ އިދާރާއަށް ގެންދިއުމުން އެއިދާރާއިން ފުރަތަމަ ބައްދަލުކުރެއްވި ބޭފުޅާ މާދަމާ ހެނދުނު 10:30 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީއަށް ވަޑައިގެންދެއްވުމަށް އެދި ދެންނެވުމަށެވެ. މިގޮތަށް ނިންމަވާފައިވަނީ ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާޤުންނެވެ.

އަދި މިމައްސަލައާއި ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްވެސް 12:00 ގައި ކޮމިޓީއަށް ވަޑައިގެންދެއްވުމަށް އެދި ދެންނެވުމަށް ނިންމަވާފައިވެއެވެ.

މިމައްސަލަ ހުށަހެޅުއްވި މެންބަރުންނަކީ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުއެވެ.