މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު ޢައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން ހއ.ދިއްދޫ / އާލިއާ، މުޙައްމަދު އަސްލަމްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
މިނަންފުޅު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 59 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓްގައިވާ ދީފައިވާ ތަރުތީބުން ވޯޓަށް އައްސަވާފައިވުމާއެކު މިނަންފުޅު ފާސްވުމުން އިތުރު ނަންފުޅަކަށް ވޯޓަށް އައްސަވާ ނުވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 މާޗް 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
24 ރަބީޢުލްއައްވަލް 1434
05 މާރޗް 2013