ފާއިތުވެ ދިޔަ މަޖިލިހުގެ ޗުއްޓީ ދެ މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 25 ބައްދަލުވުމެއް ބާއްވަވައިފިއެވެ. އަދި މި ބައްދަލުވުންތަކުގައިވަނީ ގާތްގަނޑަކަށް 72 ގަޑިއިރުގެ މަސައްކަތް ކުރިއަށްގެންދަވާފައެވެ. މިއީ މިހާތަނަށް މަޖިލީހުގެ ޗުއްޓީ ދުވަސްވަރެއްގައި މަޖިލީހުގެ ކޮމިޓީއެއްގެ އެންމެ ގިނަ ބައްދަލުވުން ބޭއްވުނު ފަހަރެވެ.
މަޖިލީހުގެ ޗުއްޓީ ދުވަސްވަރުގައި ބޭއްވުނު އެ ކޮމިޓީގެ ބައްދަލުވުންތަކުގައި އެޖެންޑާ ކުރެވި ކުރިއަށްގެންދަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި:
1. ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓް ދިރާސާ ކުރެއްވުމާއި،
2. ސ. ހިތަދޫ، ރަތްފުސްގެ އަބްދުﷲ ޤާސިމް އިބްރާހީމްގެ މަރުގެ މައްސަލައިގައި ފުލުހުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބުނެ ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމާއި،
3. ނ. މާފަރުގެ ރައްޔިތުންނަށް އަސާސީ ބައެއް ޚިދުމަތްތައް ލިބުން ދަތިވެފައިވާތީއާ، އެ ރަށުގެ ތަރައްޤީގެ ކުރިއެރުމަށް ހުރަސްއެޅިފައިވާތީ، އަދި އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ވައިގެ ބަނދަރުގެ މަޝްރޫޢު ހުއްޓުމަކަށް އައިސްފައިވާތީ އެ ރަށުގެ ރައްޔިތުން އިޙްތިޖާޖް ކުރުމުން އެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަސައްކަތްކުރުމާއި،
4. ނ. މިލަދޫ ކައުންސިލަށް އިންތިޚާބްވެފައިވާ ކައުންސިލަރެއްގެ މަސައްކަތަށް ކައުންސިލްގެ ބައެއް ފަރާތްތަކުން ހުރަސްއަޅަމުންދާ ކަމަށް ބުނެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައާއި،
5. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެނދުތައް ފުރުމުގެ ސަބަބުން އެޑްމިޓްކުރާނެ ޖާގަނެތުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެ މައްސަލަ ދިރާސާކުރެއްވުމާއި،
6. ތެލަސީމިއާ ސެންޓަރުގެ ހާލަތު ހުރި ގޮތް ބެއްލެވުމާއި އަދި އެ ސެންޓަރުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ސިއްޙީ ދާއިރާގެ ބޭފުޅުންނާއެކު ބައްދަލުކުރައްވާ އެ މައްސަލަ ދިރާސާކުރެއްވުމާއި،
7. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ސިޓީ ކައުންސިލްގެ ޒިންމާގެ ދަށުގައިވާ މަސައްކަތްތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން ހުރަސްއަޅާކަމަށް ބަޔާންކޮށް، އެ ޢަމަލުތައް ބައްލަވައިދެއްވުން އެދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމާއި،
8. ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް މޫދަށް ގެނބި ކ.ހުރާގައި ހިނގައިދިޔަ ހިތާމަވެރި ޚާދިޘާ ހިނގައިދިޔަގޮތް ދިރާސާކުރެއްވުމާއި،
9. މަސްވެރިންނާއި، ދަނޑުވެރިންންގެ އަދި ކަރަންޓް ސަބްސިޑީ ދިނުން ތަންފީޒުކުރޭތޯ ބައްލަވާ އެ މަސައްކަތް ކުރިއަށްދާ ގޮތް ދިރާސާކުރެއްވުމާއި،
10. ފުލުހުންގެ ޤަދަރާއި ޚިދުމަތް ކަނޑާލައި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެއްދުމަށްޓަކައި ފުލުހުންގެ މުއައްސަސާތަކާ ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު ޚަބަރު ފަތުރަމުންދާތީކަމަށްބުނެ، އެއީ ވަކި ބަޔަކަށް ސިޔާސީ ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރެވޭކަމެއް ކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޮގު ތުހުމަތު ކޮށްފައިވާތީ، ރާއްޖެ ޓީވީއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމާއި،
11. ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް، އަޅަން ލާޒިމްކުރާ ޤާނޫނީ ފިޔަވަޅުތައް އަޅާ މިންވަރު ބައްލަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވުމާއި،
12. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝަލް އޮފަރޭޝަންސް ޑިޕާރޓްމަންޓްގެ ފުލުހުން، މުޒާހަރާތަކުގައި ކުލައާއި ގައި ހިރުވާފަދަ ކެމިކަލެއް، އެމުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ޖަހާނެކަމަށް ބުނެފައިވާތީ، އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމާއި،
13. ކުރީގެ ރައީސް އަލްފާޟިލް މުޙަންމަދު ނަޝީދު އިންޑިއަން ހައި ކޮމިޝަންގެ ހިމާޔަތުގައި ހުންނެވުމާ ގުޅިގެން، މިނސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އެ މިނިސްޓްރީއަށް ހާޒިރުކޮށްފައިވަނީ ކޮން އުސޫލަކުންތޯ ބައްލަވާ ސާފުކުރެއްވުމާއި،
14. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަކީ ރައްޔިތުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ބަޔަކަށްވީހިނދި، ފުލުހުންގެ ތެރެއިން ބަޔަކު ކުރީގެ ރައީސް އަލްފާޟިލް މުޙަންމަދު ނަޝީދުއަށް އަނިޔާކުރާ މަންޒަރާއި އަނިޔާވެރިގޮތަކަށް ހައްޔަރުކުރާ މަންޒަރު ރާއްޖެ ޓީވީއިން ދައްކާފައިވާތީ، އެކަން ބައްލަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވުމާއި،
15. ދިވެހިރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށްދާ މީހުންނަށް ވިސާލިބުމުގައި ދިމާވާ ދަތިތަކާގުޅޭ މައްސަލަ ދިރާސާކުރުން ހިމެނެއެވެ.