މިއަދު ހެނދުނު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ނ.މިލަދޫ ކައުންސިލްގެ މެންބަރު، ނ.މިލަދޫ/ ސަމަރބްލޫ، އަލްފާޟިލް ނަސްރުﷲ މުޙަންމަދުގެ މައްސަލައާ މެދު މަޝްވަރާ ކުރައްވައިފި

މިއަދު ހެނދުނު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 11 ވަނަ ބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ނ.މިލަދޫ ކައުންސިލް އެކުވެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ މަސައްކަތްކުރުމުގެ ހައްޤު، ނ.މިލަދޫ ކައުންސިލްގެ މެންބަރު، ނ.މިލަދޫ/ ސަމަރބްލޫ، އަލްފާޟިލް ނަސްރުﷲ މުޙަންމަދުގެ ކިބައިން ނިގުޅައިގަނެފައިވާކަމަށް ބަޔާންކޮށް އެކަން ބައްލަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލަ އާ މެދު މަޝްވަރާކުރައްވައިފިއެވެ.

މިމައްސަލައަކީ ޕީޕީއެމް ކައުންސިލަރުންގެ އަދި އެމްޑީޕީގެ ކައުންސިލަރުންގެ ދެމެދުގައި އޮތް މައްސަލައަކަށް ވާތީވެ، މިމައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް، ކޮމިޓީއަށް މައްސަލައިގެ ރިޕޯޓެއް ނުވަތަ މައްސަލައިގެ މަޢުލޫމާތު ހުށަހެޅުމަށް ކޮމިޓީން އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒްގެ ނަން އަދި ޕީޕީއެމްގެ ފަރާތުން ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް ނަން މިއަދު ފާސްކުރެއްވިއެވެ.

މީގެއިތުރުން، ނ. މާފަރުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން ސަރުކާރުގެ ތެރެއިން މިކަންކަން ހިނގާފައިވާ ގޮތެއް ކޮމިޓީން ބެއްލެވުމުގެ ގޮތުން ހެލްތު މިނިސްޓަރ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވުމަށް އެދި މަޖިލީހުގެ އިދާރާއިން 22 ޖެނުއަރީ 2013 ގައި ވަނީ ސިޓީ ފޮނުވާފައެވެ. ނަމަވެސް، މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވުމަށް ވަޒީރު އުޒުރުވެރިވާކަމަށް ވިދާޅުވެވަނީ ޖަވާބު ފޮނުއްވާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އަދި ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާއެވެ.