ނ. މާފަރުގައި އިޙްތިޖާޖް ކުރަމުންދާ މައްސަލައާ ގުޅިގެން ނ. މާފަރު ކައުންސިލާއި، ސަރުކާރުގެ މަސްއޫލުވެރި ފަރާތްތަކާއި އެއްކޮށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 11 ވަނަ ބައްދަލުވުމުގައި، ނ. މާފަރު އެއަރޕޯޓްގެ މަސައްކަތް ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ނިކުމެ އެ ރަށުގެ ހުރިހާ މުއައްސަސާއެއް ބަންދުކޮށް އިޙްތިޖާޖް ކުރަމުންދާތީ، އެ މައްސަލައާ ގުޅޭ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

މާފަރު ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި އެ ރަށުން އެކުލަވާލާފައިވާ “30 ޑިސެމްބަރ ޓާސްކް ފޯސް” ގެ ބޭފުޅުންގެ އިތުރުން، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާސިމް އަޙްމަދް އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަލްފާޟިލް މުޙަންމަދު ނާޒިމް މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވެއެވެ.

ނ. މާފަރުގެ ރައްޔިތުންނަށް ތަޢުލީމީ އަދި ސިއްޙީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކާއި، އަދި އެ ރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ފަދަ އަސާސީ ބައެއް ޚިދުމަތްތައް ލިބުން ދަތިވެފައިވާތީ، މިކަންކަމާއި ގުޅިގެން އެ ރަށުގެ ޓާސްކް ފޯސްއިން ވަނީ ކޮމިޓީއަށް މަޢުލޫމާތު ދެއްވާފައެވެ. އަދި މި ކަންކަމާއި މާފަރު ޑޮމެސްޓިކް އެއަރޕޯޓުގެ މަޝްރޫޢު އާ ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މާފަރު ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރައްވާ، އެޑިއުކޭޝަން މިނިސްޓަރާއި އެކްޓިންގް ޓްރާންސްޕޯޓް މިނިސްޓަރާ އެކު ކޮމިޓީން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.