ކާށިދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 5 ވަނަ ބައްދަލުވުން ބާއްވައިފި

މިރޭ ބޭއްވުނު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި، ކުރީގެ ރައީސުލްޖުމްޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ޝަރުޢީ އެންމެހާ ކޯޓުތައް އުވާލާ އަދި ފަނޑިޔާރުންނާ ބެހޭގޮތުން ދެއްކެވި ވާޙަކަފުޅުތައް ތަޙްޤީގުކޮށް ފިޔަވަޅުއަޅުއްވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅިގެން ކޮމިޓީން ބައްލަވާނެ ކަންތައްތަކަކީ ކޮބައިކަމާއި އެކަންތައްތައް ބަލާނެ އުޞޫލެއް ކަނޑައެޅުއްވުން ކުރިއަށް ގެންދެވިއެވެ.

އަދި މީގެ އިތުރުން މިބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަދި ސުޕްރީމް ކޯޓުން މަޢުލޫމާތު ހޯދުމަށް ނިންމެވިއެވެ.

މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބުރާހިމް މުއްތޮލިބު، ގުރައިދޫ ދާއުރާގެ މެންބަރު އިބުރާހިމް ރިޒާ އަދި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްއެވެ.