ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުން ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިރޭ ބޭއްވުނު ބައްދަލުވުމުގައި، ކުރީގެ ރައީސުލްޖުމްޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ޝަރުޢީ އެންމެހާ ކޯޓުތައް އުވާލާ އަދި ފަނޑިޔާރުންނާ ބެހޭގޮތުން ދެއްކެވި ވާޙަކަފުޅުތައް ތަޙްޤީގުކޮށް ފިޔަވަޅުއަޅުއްވައިދެއްވުމަށް އެދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުން ކުރިއަށް ގެންދެވިއެވެ.

މިގޮތުން، މި ބައްދަލުވުމުގައި، ޤަރާރާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ގޮތުން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އަލްއުސްތާޛު އަޙްމަދު އަބްދުﷲ އަފީފް އާ ބައްދަލުކުރައްވާފައިވެއެވެ.

މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބުރާހިމް މުއްތޮލިބު، ގުރައިދޫ ދާއުރާގެ މެންބަރު އިބުރާހިމް ރިޒާ އަދި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލުއެވެ.