ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނ. މިލަދޫ ކައުންސިލަރުގެ މައްސަލައާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމާއި އަދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވުން ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 9 ވަނަ ބައްދަލުވުމުގައި،  ނ. މިލަދޫ ކައުންސިލު އިން 31 މެއި 2012 ގައި ނ. މިލަދޫ ކައުންސިލް މެންބަރ ނަސްރުﷲ މުޙަންމަދު ވަކިވެއްޖެކަމަށް ކަނޑައަޅައި އަދި ބައި-އިލެކްޝަނެއް ބާއްވައި ދެއްވުމަށް އެދިފައިވުމާ ގުޅިގެން، ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް، ނ. މިލަދޫ ކައުންސިލް މެންބަރު ހުށައަޅުއްވާފައިވާ މައްސަލަ ބެއްލެވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

އެގޮތުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުން ހާޒިރުކުރައްވައި، މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވިއެވެ.

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 9 ވަނަ ބައްދަލުވުމުގައި،  ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން 7 ފެބްރުއަރީ 2012 ގައި ހިނގާ ދިޔަ ޙާދިސާތަކާއި ގުޅިގެން ނެރުނު ރިޕޯޓް ދިރާސާކުރެއްވުމަށް ބޭނުންވާ މަޢުލޫމާތު ސާފުކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

އެގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ހާޒިރުކުރައްވައި، މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވިއެވެ.

މިބައްދަލުވުމުގައި ވޯޓަށް އެއްސެވި ކަންތައްތަކުގެ ތެރޭގައި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން 7 ފެބްރުއަރީ 2012 ގައި ހިނގާ ދިޔަ ޙާދިސާތަކާއި ގުޅިގެން ނެރުނު ރިޕޯޓް ދިރާސާކުރެއްވުމުގައި، މިކަމާއި ގުޅޭގޮތުން މި ކޮމިޓީއިން ނަގާފައިވާ  13 ބަޔާނުގެ ޔައުމިއްޔާ އާއި އޯޑިއޯ އެއްވެސް އުނި އިތުރު ކުރުމެއްނެތި ހާމަކުރެއްވުމަށް،  ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ.

މިބައްދަލުވުމުގައި ވޯޓަށް އެއްސެވި ކަންތައްތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް މުހައްމަދު ނާޒިމް އާއި ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ޤާނޫނު އަސާސީއާއި ޚިލާފުވެފައިވާ ކަމަށް ހުށައަޅުއްވައި އެދެބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މިބައްދަލުވުމުގައި ވޯޓަށް އެއްސެވި ކަންތައްތަކުގެ ތެރޭގައި ނ. މިލަދޫ ކައުންސިލް މެންބަރ ނަސްރުﷲ މުޙަންމަދު ހުށައަޅުއްވާފައިވާ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށްޓަކައި، 22 ޖެނުއަރީ 2013 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އާއި ބައްދަލުކުރެއްވުމަށާއި އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ  މެންބަރުންނާއި، ނ. މިލަދޫ ކައުންސިލްގެ މެންބަރުން އަދި ނ. މިލަދޫ ކައުންސިލް މެންބަރ ނަސްރުﷲ މުޙަންމަދުއާއި ބައްދަލުކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މިބައްދަލުވުމުގައި ވޯޓަށް އެއްސެވި ކަންތައްތަކުގެ ތެރޭގައި މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި ކުރައްވާފައިވާ ފެކްޓް ފައިންޑިންގް މިޝަންއާއި ގުޅޭގޮތުން، 21 ޖެނުއަރީ 2013 ގައި މާފަރު ކައުންސިލްއާއި އަދި އެކުލަވާލެވިފައިވާ ޓާސްކް ފޯސްގެ ބޭފުޅުންނާއި އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ޢަފޫރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.