ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކޯނީ ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފި

މިރޭ ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 6 ވަނަ ބައްދަލުވުމުގައި،  ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން 7 ފެބްރުއަރީ 2012 ގައި ހިނގާ ދިޔަ ޙާދިސާތަކާއި ގުޅިގެން ނެރުނު ރިޕޯޓް ދިރާސާކުރެއްވުމަށް ބޭނުންވާ މަޢުލޫމާތު ސާފުކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

އެގޮތުން 20:00 ގައި މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލްއާ ބައްދަލުކުރައްވާ، ކޮމިޓީގެ ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްގެންދަވާފައިވެއެވެ. މި ކޮމިޓީން މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި މާދަމާ (14 ޖެނުއަރީ 2013) ރަސްމީ ބައްދަލުވުމެއް ބާއްވަން ކުރިން ހަމަޖެހިފައިވާ ނަމަވެސް، މިކަން އަނބުރާ ގެންދަވާ، މާދަމާ ކޮމިޓީން އެ ރަށަށް ކުރައްވާ ދަތުރަކީ ފެކްޓް ފައިންޑިންގް މިޝަންއެއްގެ ގޮތުގައި ހަމަޖެއްސެވުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. މި ބައްދަލުވުން ރަސްމީ ބައްދަލުވުމެއްގެ ސިފައިގައި ކުރިއަށްނުގެންދެވުމަށް ނިންމަވާފައިވަނީ، އެއީ ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށްވެފައި، ދައުލަތުގެ މާލިއްޔަތުން އެފަދަ ބޮޑު ޚަރަދެއް ކުރުމަށް ތަންނުދޭތީއެވެ.

  މިރޭގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.