ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކޯނީ ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފި

މިރޭ ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 5 ވަނަ ބައްދަލުވުމުގައި،  ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން 7 ފެބްރުއަރީ 2012 ގައި ހިނގާ ދިޔަ ޙާދިސާތަކާއި ގުޅިގެން ނެރުނު ރިޕޯޓް ދިރާސާކުރެއްވުމަށް ބޭނުންވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ދެ ބޭފުޅަކާ ބައްދަލުކުރެއްވިއެވެ.

އެގޮތުން 20:00 ގައި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާޙީމް ދީދީ އާއި، އަދި 22:00 ގައި ކާނަލް މުޙަންމަދު ޒިޔާދުއާ ކޮމިޓީން ބައްދަލުކުރެއްވިއެވެ. މި ބޭފުޅުން ހާޒިރުކުރެއްވި ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

 މިރޭގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.