ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކޯނީ ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފި

މިރޭ ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 3 ވަނަ ބައްދަލުވުން ބާއްވަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ސޮއިކުރައްވާ ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުންނެވެ.

މިއީ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން 7 ފެބްރުއަރީ 2012 ގައި ހިނގާ ދިޔަ ޙާދިސާތަކާއި ގުޅިގެން ނެރުނު ރިޕޯޓް ދިރާސާކުރެއްވުމަށް ބޭނުންވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ބައެއް ބޭފުޅުންނާއި ވީ އެންމެ އަވަހަށް ބައްދަލުކުރެއްވުމަށް އެދިވަޑައިގެން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި މިކަމާ ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމެވީ، މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލް، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް ދީދީ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު ފަޞީޙު، ކާނަލް މުޙަންމަދު ޒިޔާދު، އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙަންމަދު ޖިނާހްއާ ބައްދަލުކުރެއްވުމަށެވެ.

އެގޮތުން މިރޭ ބޭއްވެވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް 20:30 ގައި އަލްފާޟިލް އަޙްމަދު ފަޞީޙު، 22:30 ގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙަންމަދު ޖިނާހް އަދި 23:30 ގައި އަލްއުސްތާޛާ ދިޔާނާ ސަޢީދު ހާޒިރުކުރެއްވިއެވެ. މި ބޭފުޅުންނާއި ބައްދަލުކުރައްވާ، 7 ފެބްރުއަރީ 2012 ގައި ހިނގާ ދިޔަ ހާދިސާތަކާއި ގުޅޭ ގޮތުން، ކޯނީ ރިޕޯޓް ދިރާސާ ކުރެއްވުމުގައި ބޭނުންވާ ބައެއް މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިރޭ ބޭއްވުނު ކޮމިޓީގެ 3 ވަނަ އަދި 4 ވަނަ ބައްދަލުވުމަށް ހާޒިރުވެވަޑަިއގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު ޢަޙްމަދު ޝަރީފް ކޮމިޓީގެ 3 ވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، 4 ވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.