ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 2 ވަނަ ބައްދަލުވުން ބާއްވަވައިފި

CHR_0727

މިއަދު ބޭއްވުނު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 2 ވަނަ ބައްދަލުވުމުގައި، ސ.ހިތަދޫ ރަތްފުސްގެ ޢަބްދުﷲ ގާސިމް އިބްރާޙީމުގެ މަރުގެ މައްސަލައިގައި، ފުލުހުންގެ ވާޖިބް އަދާކުރުމުގައި އިޙުމާލުވެފައިވާކަމަށް ބުނެ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރަކު ސޮއެކުރައްވާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

އެގޮތުން މި މައްސަލައާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް، ޢަބްދުﷲ ރިޔާޒް އާއި މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ އިސް ބޭފުޅުންނާއި ކޮމިޓީން ބައްދަލުކުރެއްވިއެވެ. ގާސިމް މަރުވި ހާދިސާގެ ތަފްސީލާއި، އަދި މި ހާދިސާ ހިނގާފައިވާ ގޮތް ފެންނަ ވީޑިޔޯއެއް ސޯޝަލް މީޑިޔާއަށް ލީކްވެފައިވާ ވާތީ، މިކަންކަމާއި ބެހޭ ގޮތުން ޕޮލިސް ކޮމިޝަނަރއަށް ސުވާލުކުރެވިފައިވެއެވެ. މި މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވާކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށާ، ނަމަވެސް އެ މައްސަލަ މިހާރުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުއްވާފައިކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، އަބްދުﷲ ޤާސިމްގެ ހުވަފަތް އަނބިކަނބަލުންނާ 18 އަހަރު ފުރިފައިވާ ދަރިފުޅާ ބައްދަލުކުރުމަށްވެސް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. އަދި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންއަށް މިމައްސަލައާ ގުޅޭގޮތުން ބައްދަލުކުރެއްވުމަށް ހުށަހެޅުއްވި ހުށަހެޅުންވެސް ކޮމިޓީގެ އަޣްލަބިއްޔަތުން ފާސްވިއެވެ.

އެއަށްފަހު މިއަދުގެ ބައްދަލުވުމުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެނދުތައް ފުރުމުގެ ސަބަބުން އެޑްމިޓްކުރާނެ ޖާގަނެތުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، މިކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލްގެ ސީ.އީ.އޯއާ ކޮމިޓީން ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މިއަދުގެ ކޮމިތީ ބައްދަލުވުމުގައި، މިހާރުގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް އަކީ ފުލުހުންގެ ޤާނޫނުގެ 52 ވަނަ މާއްދާއާ ޚިލާފަށް އެ މަޤާމަށް އައްޔަނު ކުރައްވާފައިވާ ބޭފުޅެއްކަމަށް ދެކެވަޑައިގަންނަވާކަމަށާ، އެމައްސަލަ ބައްލަވައި ދެއްވުން އެދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ކޮމިޓީއަށް މި މައްސަލަ ބަލައިގަތުމަށް މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.

އެއަށްފަހު ކޮމިޓީން މަޝްވަރާކުރެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ނ.މިލަދޫ ކައުންސިލް އެކުވެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ މަސައްކަތްކުރުމުގެ ހައްޤު، ނ.މިލަދޫ ކައުންސިލްގެ މެންބަރު، ނ.މިލަދޫ / ސަމަރބްލޫ، އަލްފާޟިލް ނަސްރުﷲ މުޙަންމަދުގެ ފަރާތުން ނިގުޅައިގަނެފައިވާކަމަށް ބަޔާންކޮށް އެކަން ބައްލަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލައާމެދުއެވެ. އެގޮތުން ކޮމިޓީން ނިންމެވީ 15 ޖެނުއަރީ 2013 ގައި މި މައްސަލައާގުޅޭ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާ ކުރިންވެސް ބައްދަލުކުރުމަށް ނިންމަވާފައިވާތީ، އެ ބައްދަލުވުން އަލުން ބޭއްވުމުގެ ގޮތުން އެ ބޭފުޅުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަލުން ދެންނެވުމަށެވެ.

ދެން ކޮމިޓީން ކުރިއަށް ގެންދެވީ ނ.އަތޮޅު މާފަރު އެއަރޕޯޓްގެ މަސައްކަތް ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން އެރަށު ރައްޔިތުން އެ ރަށުގައި ހުރި ހުރިހާ މުއައްސާއެއް ބަންދުކޮށް އިހްތިޖާޖް ކުރަން ފަށާފައިވާތީ، މިމައްސަލަ ސަރުކާރުގެ ތެރެއިން ހިނގާފައިވާ ގޮތެއް ބައްލަވައި ރައްޔިތުންނަށް ތަސައްލީއެއް ހޯއްދަވައިދެއްވުން އެދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތޯރިޤު ހުށަހަޅުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވުމެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ކޮމިޓީން ނިންމެވީ ކޮމިޓީގެ ފަރާތުން އެ ރަށަށް ޒިޔާރާތްކޮށް އެރަށުގެ މީހުންނާ ބައްދަލުކުރެއްވުމަށެވެ. އަދި އެރަށުގައި ކޮމިޓީގެ ބައްދަލުވުމެއް 14 ޖެނުއަރީ 2013 ވަނަ ދުވަހު ބޭއްވުމަށްވެސް ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި  އެރަށުގައި ބާއްވަވާ ކޮމިޓީގެ ބައްދަލުވުމުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށާ އަދި އެރަށު ކައުންސިލަރާ ބައްދަލުކުރެއްވުން އެޖެންޑާ ކުރެއްވުމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިހު، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާއެވެ.