2013 ވަނަ އަހަރުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މެސެޖް

ނިޢުމަތްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. ރޭދުވާ ތަކުރާރު ވުމަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިން ވާކަމެކެވެ. މިއުއްމަތުގެ މާތް ސާހިބާ މުޙައްމަދުގެ ފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. އަދި މިދުޢާ ގައި އެކަލޭގެފާނުންގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމެވެ.

މީލާދީ އައު އަހަރަކަށް އަޅުގަނޑުމެން މަރުޙަބާ ކިޔާއިރު ވޭތުވެ ދިޔަ އަހަރުގެ ތަޖުރިބާ ތަކުން ޢިބްރަތްތަކެއް ލިބި ކުރިއަށް އޮތް އަހަރަށް އުއްމީދުތަކެއްކޮށް ޢަޒުމް އާކުރުމަކީ މުހިއްމު ކަމެކެވެ. މިވޭތުވެދިޔަ އަހަރަކީ މުޅި ދިވެހިރާއްޖެއަށް ސިޔާސީ ގޮތުންނާއި އިޤްތިޞާދީގޮތުން ގިނަގުނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު އަހަރެއްކަމާމެދަކު ޝައްކެއްނެތެވެ. މިކަންތައްތައް ޙައްލުކުރުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކުން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހުނުކަމާމެދު ދެބަސްވުމެއް ނެތެވެ. މިކަންތައްތަކަށް ޙައްލު ހޯދިފައިވާ މިންވަރު ބަލައިގަނެ މިކަމާމެދު ދެކޭގޮތް ހާމަކުރާނެ ބަޔަކީ ރާއްޖޭގެ ރައްޔިތުންކަމާ މެދަކު ބަޙްސެއްނެތެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެ ހޫނުވެގެންދާ ކޮންމެ ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އެކަމުގެ ސީދާ އަސަރު ކުރާ ވަގުތުތަކެކެވެ. އެގޮތުން މިވޭތުވެދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް ތަޖުރިބާކުރި ތަފާތު ކަންތައް ތަކަކީ ވަރަށް ދަތި އަދި ވަރަށް ޙައްސާސް ކަންތައްތަކެކެވެ. އެފަދަ މާޙައުލެއްގައިވެސް ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ގިނަ ކަންތައްތަކެއް މަޖިލީހުން އަދާކޮށްފައިވެއެވެ.

2012  ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް 32 ބިލު ހުށަހެޅި 20 ބިލެއްގެ މަސައްކަތް މުޅިން ނިންމަވާފައިވެއެވެ. އަދި ހަމަ އެއަހަރު 18 ބިލެއް މަޖިލީހުގެ ކޮމިޓީތަކަށް ފޮނުއްވާފައި ވެއެވެ. 2012 ވަނަ އަހަރު 14 ޤަރާރު ހުށަހެޅިފައި ވެއެވެ. އަދި 9 ޤަރާރެއް އަނބުރާގެންދަވާފައިވެއެވެ. 2012 ވަނަ އަހަރު ކޮމިޓީތަކުން މަސައްކަތް ނިންމަވައި 32 ރިޕޯޓެއް މަޖިލީހަށް ހުށަހެޅުނެވެ. އޭގެތެރެއިން 27 ރިޕޯޓެއް މަޖިލީހުންވަނީ ފާސްކުރައްވާފައެވެ.

އެއްއަހަރު ނިމި، އައު އަހަރަކާއި އަޅުގަނޑުމެން ކުރިމަތިލާ މިވަގުތަކީ، ރާއްޖެއަށް ހަމަޖެހުމާއި، ޞުލްޙަވެރިކަމާއި، އިތުރު ކުރިއެރުން ހޯދަން މަސައްކަތްކުރަންވީ ވަގުތެއްކަމުގައި އަޅުގަނޑު ދެކެމެވެ.  އަމިއްލަ އެދުންތަކަށްވުރެ، ގައުމުގެ މަޞްލަޙަތު އިސްކޮށް ތިމާ ގަބޫލުކުރާ ކޮންމެ ގޮތަކީ އަނެކުން ގަބޫލުކުރަން ޖެހޭގޮތްކަމަށް މަޖުބޫރު ކުރުމުގެ އާދަ  ދޫކޮށްލައި، ގައުމުގައި އުފެދިފައިވާ މުއައްސަސާތަކާއި، ދައުލަތުގެ ބާރުތައް ބަލައިގަނެ، ދީމިޤްރާތީ  އުސޫލުތަކަށް ފަރިތަވުމުގެ އާ މަސައްކަތްތަކެއް އަޅުގަނޑުމެން މަރުޙަބާ މިކިޔާ އައު އަހަރުގައި ފެށުމަށް އަޅުގަނޑު ގޮވާލަމެވެ.

މީލާދީ އަހަރެއް ނިމި، އައު އަހަރަކާއި ދުނިޔެ ކުރިމަތިލާ މިދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް، އައު އަހަރުގެ ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ. އަދި ހަމަ މިފުރުޞަތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަމެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއި ޞުލްޙަވެރިކަން ލެއްވުމެވެ. ދިވެހިރާއްޖެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ދެއްވުމެވެ. އާމީން

  ޢަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް

18 ޞަފަރު 1434

31 ޑިސެމްބަރ 2012