ކޮރަޕްޝަން ހުއްޓުވުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 41 ވަނަ ޖަލްސާގައި، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ކޮރަޕްޝަން ހުއްޓުވުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލަށް 9 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ބިލު ހުށަހަޅުއްވާފައިވާ ސަބަބުތަކުގެ ތެރޭގައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ކޮރަޕްޝަންގެ ކުށުގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށް މިހާރުގެ ޙާލަތަށް ނުފެތޭތީ، ކޮރަޕްޝަންގެ ކުށް، މިހާރާ ގުޅޭގޮތަށް ބަދަލުކުރުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ރާއްޖޭގައި ހިނގުން އިތުރުވެގެންދާއިރު، އަދި ކޮރަޕްޝަންގެ ޢަމަލު ހިނގާގޮތް ޒަމާނީވެގެންދާއިރު، އެކަމާ ފައިހަމަވާގޮތެއްގައި އަދި ނަތީޖާ ނެރެދެވޭ ގޮތެއްގައި އެކަން ހުއްޓުވުމަށް މަސައްކަތްކުރުމުގެ ބާރު، ޤާނޫނު ނަންބަރު 13/2008(އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިދީފައި ނުވާތީ، އެބާރުތައް އެކޮމިޝަނަށް ލިބިދެވޭނެ ޤާނޫނީ އޮނިގަނޑެއް ތަޢާރުފް ކޮށްދިނުން ހިމެނެއެވެ.