އިންޑިއާ އަށް ދަތުރު ކުރުމަށް ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

މިރޭ ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ޓޫރިސްޓް ވިސާ ނޫން އެހެން ވިސާއެއްގައި ދަތުރުކުރާ ފަރާތްތަކަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ޙަމްޒާ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި، މިމައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފަރާތުން ހައިކޮމިޝަނަރ އަލްފާޟިލް ޢަބްދުލް އަޒީޒް ޔޫސުފް އާއި ޑިރެކްޓަރ އަލްފާޟިލާ އައިމިނަތު ޝަބީނާ މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި، އާންމު 2 ރައްޔިތަކަށް ވިސާ ލިބުމުގައި ދިމާވެފައިވާ ދަތިތައް މިކޮމިޓީގައި ހިއްޞާ ކޮށްދެއްވާފައިވެއެވެ.

މިރޭ ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާއެވެ.