ޤައުމީ ސަލާމަތުގެ ކޮމިޓީގެ 13 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ 800 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް، ސިންގަޕޯރ، މެލޭޝިޔާ އަދި މިއަންމާ އަށް  ކޮމިޓީގެ މެންބަރުން ވަޑައިގެންނެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތެރެއިން މި ދަތުރުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް ދަތުރުގައި ބައިވެރިވެވޭނެ ކަމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ.

އަދި، ކޮމިޝަން އޮން ނޭޝަނަލް އިންކުއަރީގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ބައެއް ކަންތައް ތަކާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މުޙަންމަދު ނާޒިމް އާއި ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ކޮމިޓީއަށް ހާޒިރުކުރުމަށް އެވަގުތު ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން ނިންމެވިއެވެ.

މީގެއިތުރުން، މޯލްޑިވްސް ޕޮލިސް ސާރވިސް ގައި ހިދުމަތް ކުރައްވާފައިވާ އަލްމަރްޙޫމް ސާރޖަންޓް ޙުސައިން ޝަރީފް، 4 އޮކްޓޯބަރ 2012 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވެފައިވާތީ އެމައްސަލަ ކޮމިޓީން ބައްލަވާއިރު، ސިއްރު ބައްދަލުވުން ތަކެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠޯރިޤްއެވެ.