ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ރިސެސްގެ ދުވަސްތައް ބަދަލުކުރެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ އިޞްލާހާމެދު މަޝްވަރާކުރައްވައިފި

ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ރިސެސްގެ ދުވަސްތައް ބަދަލުކުރެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ އިޞްލާޙު  17 ޑިސެމްބަރ 2012 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި، އަނބުރާ ޢާންމު ކޮމިޓީއަށް އެމައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާތީ، މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މިމައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އަދި މި އިސްލާޙް މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަކަމަށް ކޮމިޓީން ނިންމެވިއެވެ.

އަދި މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސައިފޮދުގެ ކަންތައްތަކަށް ދިމާވި މައްސަލަތަކާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، މެންބަރުންގެ ސައިފޮދުގެ ކަންތައް އިތުރަށް އިޢުލާން ކޮށް، އަލުން ބަޔަކު އެކަމަށް ކަނޑައެޅެންދެން، ކުރިންވެސް ކުރިއަށް ގެނދިޔަގޮތަށް ސައުތް ބީޗުން ސައިފޮދުގެ ކަންތައް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ލައިވްކުރުމުގައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް ދަތިތަކެއް ހުރިކަމަށް ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ފާހަގަކުރެވިފައިވާތީ ހައްލެއް ހޯއްދެވުމާއި ބެހޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާއަކަށް އެދި ފޮނުއްވާފައިވާ ސިޓީއާ ބެހޭގޮތުން މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ނިންމަވާފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ.

މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ.