ޤައުމީ ތަރައްޤީގެ ކޮމިޓީގެ 23 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދުގެ ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގައި މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ ފަޅު ހަލާކުވެފައިވުމުން، އެ ފަޅުގައި އަޅާފައިވާ އޮޑިދޯނިފަހަރަށް ބޮޑެތި ގެއްލުންތައްވަމުންދާކަމަށް ބުނެ، މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ފޮނުއްވާފައިވާ މައްސަލަ ބެއްލެވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

މި ކަމާ ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެރަށުގެ ފަޅު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމަނާފައިވާ ކަން ފާހަގަކުރައްވާ، މި މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަޤީންކަން އޮތްކަން ބަޖެޓުން ކަށަވަރުވާކަމަށް ބުނެ ކޮމިޓީން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލަށް ސިޓީއެއް ފޮނުއްވިއެވެ. އަދި ފަޅުގެ މައްސަލައާއި ގުޅޭގޮތުން ކުރަންޖެހޭ ވަކި ކަމެއް މިވަގުތު އޮތްކަމަކަށް ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފެނިވަޑައިނުގަންނަވާކަމުގައި މި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

އެއަށްފަހު ޤައުމީ ތަރައްޤީގެ މަޝްރޫޢެއްގެ ވަރަށް މުހިންމު ކަމެއް ކަމުގައިވާ ސީ.އެސް.އާރ ކޮމްޕޯނަންޓްގެ ދަށުން ފަޅު ރަށްތައް ދީގެން ރަށްރަށުގެ އަސާސީ ކަންތައްތައް ކުރުމަށް ސަރުކާރުން ހުޅުވާލާފައި އޮތް ފުރުޞަތު ހުއްޓުމަކަށް ގެނެސްފައިވާތީ، އެކަމާ ގުޅިގެން ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި ކޮމިޓީގެ މަޝްވަރާއަށްފަހު ސީ.އެސް.އާރ ކޮމްޕޯނަންޓްގެ ދަށުން ރަށްރަށުގެ ތަރައްޤީއަށް ފަހިކޮށްދޭ ފުރުޞަތު ހުއްޓުމަކަށް އައިސްފައިވާ ސަބަބުތައް ކޮމިޓީއަށް އެންހެވުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދެންނެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން 30 ޑިސެމްބަރ 2012 ގެ ކުރިން ސުންގަނޑި ހަމަވާ މަސައްކަތްތަކަށް އަލަށް ކަނޑައަޅާ ސުންގަނޑިއަކީ 30 އޭޕްރިލް 2012 ކަމުގައި ހަމަޖެއްސެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދުއެވެ.