ޕެޓިޝަން ކޮމިޓީގެ 9 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ޕެޓިޝަން ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި، މާލޭގެ ހުޅަނގު ދެކުނު ހާބަރުން ދަތުރުވެރިންނަށް ޢާންމު ޚިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރެވިފައިވާ ބިންތައް މާލޭ ސިޓި ކައުންސިލްގެ ބަލަދުވެރިކަމުގެ ދަށުގައި އޮތް ތަނެއް ކަމަށް ބުނެ މި ޚިދުމަތް ހުއްޓުވާލުމަށް މަސައްކަތްކުރާތީވެ އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލަ އާ ބެހޭގޮތުން ސިޓީ ކައުންސިލްގެ ބޭފުޅުންނާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.

އަދި މިމައްސަލައިގައި މަޝްވަރާކުރެއްވުމަށްފަހު، ނިންމަވާފައިވަނީ ދެފަރާތުގެ ދެމެދުގައި މިމައްސަލައާ ގުޅޭގޮތުން ބަދަލުކުރެވިފައިވާ ލިޔެކިޔުންތައް ކޮމިޓީއަށް ލިބުމުން، އެލިޔެކިޔުންތަކަށް ކޮމިޓީން ބައްލަވައި ގޮތެއް ނިންމެވުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ކޮމިޓީގެ މުޤައްރިރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޢަފޫރު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއެވެ.