ޕެޓިޝަން ކޮމިޓީގެ 8 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދުގެ ބޭއްވުނު ޕެޓިޝަން ކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި، އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ކަމަށް ބުނެ ޕާކް ކުރާ ތަންތަން ކަނޑަނާޅާ އެއްވެސް އުސޫލެއްނެތި ސަރުކާރުން ސްޓިކާ ޖަހާ ފައިސާނަގާތީ ހުށަހަޅާފައިވާ މައްސަލައާބެހޭ ގޮތުން، މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކުކުރުމުގެ ގަވާއިދުގައި އެފަރާތްތަކުގެ ކަންބޮޑުވުން ހައްލުކުރެވޭނެ ގޮތެއް އޮތްތޯ އޮޅުންފިލުވާ ދެއްވުމަށާއި އެފަދަ ގޮތެއް ނެތްނަމަ ކުރިމަގުގައި މިކަމަށް ހައްލެއްގެނައުމަށް ގެންގުޅުއްވާ އުސޫލު އަންގަވައިދެންވުމަށް އެދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑު ކޮމިނިއުކޭޝަންއަށް ސިޓީ ފޮނުއްވުމަށެވެ.

އަދި، މާލޭގެ ހުޅަނގު ދެކުނު ހާބަރުން ދަތުރުވެރިންނަށް ޢާންމު ޚިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރެވިފައިވާ ބިންތައް މާލޭ ސިޓި ކައުންސިލްގެ ބަލަދުވެރިކަމުގެ ދަށުގައި އޮތް ތަނެއް ކަމަށް ބުނެ މި ޚިދުމަތް ހުއްޓުވާލުމަށް މަސައްކަތްކުރާތީވެ އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލަ އާ ބެހޭގޮތުން ސިޓީ ކައުންސިލްގެ ބޭފުޅުންނާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މީގެއިތުރުން، ހދ.ކުމުންދޫ ގައި 3 ޖުލައި 2011 ވަނަ ދުވަހު އެޑިއުކޭޝަން ޔުނިޓް މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާއާއި އާނިފާ ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އިމާރާތްކުރަން ފެށިފައިވާ 6 ކްލާސް ރޫމްގެ މަސައްކަތް ހުއްޓިފައިވާތީ، އެކަން ބައްލަވާ އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަންއާބެހޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މަޢުލޫމާތު ހޯއްދެއްވުމަށް ނިންމެވިއެވެ.

އަދި، ބ. ކުޑަރިކިލު ބަނދަރު މަރާމާތުކުރުމާ ބެހޭގޮތުން ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އާއި ހދ.ހިރިމަރަދޫ އަށް ދިމާވެފައިވާ ލަފާކުރުމުގެ ލަފާފުރުމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަން އާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ކޮމިޓީގެ މުޤައްރިރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޢަފޫރު، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން އަދި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމްއެވެ.