ދިވެހި ސަރުކާރާއި ނެކްސްބިޒް ލިމިޓެޑްއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރަށް އެންގެވުމަށް މަޖިލީހުން ފާސްކުރައްވައިފި

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން، ހިންގާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ކުރިއަށް ގެންދާ މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް (MIBCS) ގެ މަޝްރޫޢުގެ މަސައްކަތް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑްއާ ޙަވާލުކުރުމަށް ދިވެހި ސަރުކާރާއި ނެކްސްބިޒް ލިމިޓަޑްއާ ދެމެދު 17 އޮކްޓޯބަރ 2010 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމުތަކަކީ ކޮބައިތޯ ބެލުމަށް މާލިއްޔަތު ކޮމިޓީއިން ކުރެއްވި ދިރާސާ ނިންމަވައި ހުށަހެޅުއްވި ރިޕޯޓް މިއަދު ފާސްކުރައްވައިފިއެވެ. މި ރިޕޯޓް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާޤުންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ނިންމަވާފައިވަނީ ދިވެހި ސަރުކާރާއި ނެކްސްބިޒް ލިމިޓެޑް އާއި ދެމެދު ކުރެވިފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރަށް އެންގެވުމަށެވެ. އަދި މި އެއްބަސްވުން އުވާލުމަށް އަންގާ އެންގުން 2013 ވަނަ އަހަރުގެ ބަޖެޓް ފާސްކުރާއިރު ފާސްކުރާ ބަޖެޓް ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނުމަށް މަޖިލީހަށް ހުށަހެޅުއްވުމަށެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށް އެއްބަސްވުން ތަކުގައި ހިމަނާނަމަ، ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި އެފަދަ އެއްބަސްވުންތަކުގައި ސޮއިނުކުރުމަށް ސަރުކާރަށް އެންގެވުމަށް ރިޕޯޓްގައި ނިންމަވާފައިވެއެވެ.

12 ޞަފަރު 1434

25 ޑިސެމްބަރ 2012