މަސައްކަތުގެ އަސާސީ އުސޫލުތަކާއި ޙައްގުތައް ލިއްބައިދީ ހިމާޔަތްކުރުމުގެ ގޮތުން މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން އިސްކަންދީ ގޮވާލާ ކަންތައްތައް އެކުލެވޭ ފޮތެއް މަޖިލީހުގެ ރައީސަށް ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމްޢިއްޔާގެ ވަގުތީ އިއްތިޙާދުގެ ފަރާތުން އަރުވައިފި

ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ޖަމްޢިއްޔާގެ ވަގުތީ އިއްތިޙާދުގެ ފަރާތުން، މަސައްކަތުގެ އަސާސީ އުސޫލުތަކާއި ޙައްގުތައް ލިއްބައިދީ ހިމާޔަތްކުރުމުގެ ގޮތުން މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން އިސްކަންދީ ގޮވާލާ ކަންތައްތައް އެކުލެވޭ ފޮތެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެ އިއްތިޙާދުގެ ފަރާތުން އަރުވައިފިއެވެ. މިކަން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މި އިއްތިޙާދުގެ ފަރާތުން އެދިވަޑައިގަތް އެދިވަޑައިގަތުމުގެ މަތިން އައިއެލްއޯ ކޮންވެންޝަންގެ އަސާސީ 8 މުއާޙަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ މަޖިލީހުން ފާސްކުރައްވާފައިވާތީ އެކަމަށްޓަކައި ޝުކުރުއަދާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި ޕައިލެޓްސް އޮފް މޯލްޑިވްސް (ޕީއޯއެމް) އާއި މޯލްޑިވްސް ޕޯޓް ވޯކާރސް ޔޫނިއަން (އެމްޕީޑަބްލިއުޔޫ) އާއި ފިޝަމަންސް ޔޫނިއަން (އެފްޔޫ) އާއި މޯލްޑިވްސް ލޭބަރ ޔޫނިއަން (އެމްއެލްޔޫ)، ޓީޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޤާނޫނުއަސާސީން ލިބިދީފައިވާ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މަސައްކަތްތެރިންގެ ޙައްޤުތަކާ ބެހޭ ގޮތުން އެކުލެވިފައިވާ ބައިނަލްއަޤްވާމީ މުއާހަދާ ތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް މަސައްކަތްތެރިންނަށް ލިބިދިނުމުގައި މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވުމަށް އިއްތިޙާދުގެ ބޭފުޅުން މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި މަޖިލީހުގެ ތެރެއިން ކޮށްދެއްވެންހުރި ކަންކަން ކޮށްދެއްވާނެކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

6 ޞަފަރު 1434

23 ޑިސެމްބަރ 2012