ޢާންމު ކޮމިޓީގެ 38 ވަނަ ބައްދަލުވުމުގައި، މަޖިލީހުގެ މެންބަރުންގެ މުސާރައާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީއަށް ލަފާދިނުމަށް ނިންމަވައިފި

މިއަދު ބޭއްވުނު ޢާންމު  ކޮމިޓީގެ 38 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑުގައި ހިމެނޭ، މަޖިލީހުގެ މެންބަރުންގެ މުސާރައާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީއަށް ލަފާދިނުމަށް ނިންމަވާފައިވެއެވެ. މިގޮތުން، ލިވިންގެ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް ލިބިދޭ       -/ 20000 ރުފިޔާ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅައި، ޖުމްލަ މުސާރަ-/62500  ރުފިޔާ ކަމަށް އަދި ލިވިންގ އެލަވަންސް މީގެފަހުން ނޯންނާނެކަމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ އިޞްލާހުވެސް ފާސްކުރައްވާފައިވެއެވެ. މިއިޞްލާޙަކީ، ރައްޔިތުންގެ މަޖިލީހުގެ ރިސެސްގެ ތެރޭގައި ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، މިގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކުރެވިފައިވީނަމަވެސް، އެހުށަހެޅުން ހުށަހެލޭތާ 14 ދުވަހުގެ ތެރޭގައި ދައުރުން ބޭރު ޖަލްސާތައް ބޭއްވޭނޭގޮތް ހަމަޖައްސައި އެޖަލްސާތައް ބާއްވަންވާނެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، ކޯރަމްގެ މައްސަލައާއި ގުޅޭ ގޮތުން ކައުންސެލް ޖެނެރަލް ހުށަހަޅުއްވާފައިވާ ޑްރާފްޓް އޮތްގޮތަށް ފާސްކުރައްވާފައިވެއެވެ. މިޑްރާފްޓްގައި ރައްޔިތުންގ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިން ސައްތަކަމަށް ލިޔުއްވާފައިވެއެވެ.

މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، އަދި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒްއެވެ.