އެޓަރނީ ޖެނެރަލްއާ މާލިއްޔަތު ކޮމިޓީން ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 71 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް އެޓަރނީ ޖެނެރަލް އަލްއުސްތާޒާ އައިޝަތު އާޒިމާ ޝުކޫރު އެދިވަޑައިގެންފައިވާތީ، އެކަމަނާއާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބައެއް ބޭފުޅުންނާއި ކޮމިޓީން ބައްދަލުކުރެއްވިއެވެ.

އެގޮތުން ދައުލަތުގެ ނަމުގައި ދީފައި ހުރި ބައެއް ލޯން ގެރެންޓީތަކާއި މެދު ކަންބޮޑުވާކަމަށް ވިދާޅުވެ، މި ކަމާ ގުޅޭ ގޮތުން އެޓަރނީ ޖެނެރަލް ވާހަކަދައްކަވާފައިވެއެވެ. އަދި މި މައްސަލައާއި ގުޅިގެން ކޮމިޓީންވަނީ އިތުރު މަޢުލޫމާތު ސާފުކުރައްވާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ ޢަބްދުލްރަޙީމްއެވެ.