ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 36 ވަނަ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން ޖަލްސާ 13:20 ގައި ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން 2 ފަހަރު ޖަލްސާ ފަސްކުރެއްވުމަށްފަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނިކޮށް، ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވެއްޖެނަމަ، އެހިސާބުން އެޖަލްސާއެއް ހުއްޓާލާ، ކޯރަމް ރަނގަބީލު ޖަހަންވާނެއެވެ. ކޯރަމް ރަނގަބީލު ޖެހުމަށްފަހު 5 މިނެޓް ބަލައި، މަޖިލިސްކުރާ މާލަމުގައި ހާޒިރުވެ ތިބި މެންބަރުންގެ ޢަދަދު ބަލަންވާނެއެވެ. އަދި އެ ޢަދަދަކީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށްވުރެ މަދު ޢަދަދެއްކަމަށްވާނަމަ، މެންބަރުންނަށް 30 މިނިޓަށްވުރެ ދިގުނޫން މިންވަރަށް ހުސްވަގުތުކޮޅެއްދީ، ޤާނޫނީ ޢަދަދު ހަމަވޭތޯ މަޖިލީހުގެ ރައީސަށް ބެލިދާނެއެވެ. ނުވަތަ އެ ޖަލްސާ ނުބާއްވާގޮތަށްވެސް މަޖިލީހުގެ ރައީސަށް ނިންމިދާނެއެވެ.

ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންދަވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 153 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވާފައިވާ އިމްތިޔާޒްގެ މައްސަލައަށް ބަހުސްކުރެއްވުމެވެ. މިއަދުގެ ޖަލްސާގައި އިމްތިޔާޒުގެ މައްސަލައަށް 26 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 ޑިސެމްބަރ 2012 ވާ ހޯމަދުވަހުގެ ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.