ބަޖެޓް ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޭފުޅުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޭފުޅުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި  މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޭފުޅުން 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޕެންޝަނާއި، މުސްކުޅިކުރައްވާ މުވައްޒަފުންނަށާއި އަދި ވަކި ޚިދުމަތަކަށް ނޫން ގޮތަކަށް ދޭ ފައިސާއާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން، އެއްހަމައެއްގައި އެއްޕެންޝަނަށްވުރެ ގިނަ ޕެންޝަން އެކުއެކީގައި ދައުލަތުގެ ބަޖެޓްގެ ތެރެއިން ދައުރުވަމުން ދިއުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުގެ ބަޖެޓު ހީވެސް ނުކުރާފަދަ ބުރަކަމެއް އައުމަކީ ވަރަށް ގާތުގައި އޮތްކަމެއް ކަމަށް ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙަންމަދު ޙުސެއިން މަނިކު ވިދާޅުވިއެވެ. އެހެންކަމުން، ޤާނޫނީ ގޮތުން މިކަމަށް ހަލެއްގެނައުމަށްޓަކައި ސަރުކާރާއި އަދި މަޖިލީހުންވެސް މުޙިއްމު މަސައްކަތްތަކެއް މިހާރުން މިހާރަށް ކުރަން ޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މިބައްދަލުވުމުގައި އަސާސީ ޕެންޝަނާ ބެހޭގޮތުންނާއި، ރިކޮގްނިޝަން ބޮންޑާ ބެހޭގޮތުންނާއި، ސިވިލް ސަރވިސް، ޕޮލިސް، އެމް.އެން.ޑީ.އެފްގެ ރިޓަޔަރމަންޓް ސްކީމް އާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީގެ އޮތޯރިޓީގެ  ގަވަރނަރ ޑރ. ފަޒީލް ނަޖީބް ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ލަފާ އަރުއްވާފައިވެއެވެ. މިގޮތުން ފައިސާ ލިބޭނެ ކަމުގެ އެކަށީގެންވާ ޔަގީންކަން ނުލިބޭނަމަ، ބަޖެޓަށް ޚަރަދު އިތުރު ނުކުރެއްވުމަށާއި، ޚަރަދެއް އިތުރުކުރައްވާނަމަ، އެކަމަށް ފައިސާ ލިބޭނެ އެކަށީގެންވާ ޔަގީން ގޮތެއް ދެއްކެވުމަށާއި، ޖުމްލަ ޚަރަދު، އެންމެ ގިނަވެގެންވެސް 15000 މިލިއަން ރުފިޔާއަށް ކުޑަކުރެއްވޭތޯ ބެއްލެވުމަށް ކޮމިޓީއަށް ލަފާދެއްވާފައިވެއެވެ.

އަދި ދައުލަތުގެ ކުރު މުއްދަތުގެ ދަރަނިތަކާއި ޖުމްލަ ދަރަނި ކުޑަކުރައްވައި، މިހާރު ހުރި ކުރު މުއްދަތުގެ ދަރަނިތައް ދިގުމުއްދަތަށް ބަދަލުކުރެއްވުމަށާއި، ބަޖެޓް ދެމެހެއްޓެނިވި ގޮތަކަށް ތަންފީޒުކުރެއްވުމަށް އިތުރު ބާރު، ވަކި ހާލަތްތަކެއްގައި ނަމަވެސް، ފިނޭންސް މިނިސްޓަރަށް ދެއްވުމަށާއި، ބަޖެޓް ތައްޔާރުކުރެއްވުމުގެ ތަރުތީބު ހަރުދަނާކުރެއްވުމަށް ސަރުކާރަށް ލަފާދެއްވުމާބެހޭގޮތުން ގަވަރނަރ ވާހަކަފުޅުދެއްކެވިއެވެ.

މީގެއުތުރުން، ގަވަރނަރ ދެއްކެވި ވާހަކަފުޅުގައި އައި.އެމް.އެފްގެ ސްޓާފް މޮނިޓަރޑް ޕްރޮގްރާމަށް ފަހިވާ ބަޖެޓެއް ފާސްކުރެއްވޭތޯ ބެއްލެވުމާއި، ހުށަހެޅިފައިވާ ބަޖެޓްގައިވާ މިންވަރަށް ޑެފިސިޓް އޮވެއްޖެ ނަމަ، ބޭރު ފައިސާގެ މާރކެޓަށް އިތުރު ފިއްތުން ކުރިމަތިވެ، ބައިނަލްއަޤުވާމީ ރިޒާވަށް ނޭދެވޭ އަސަރު އިތުރަށް ކުރަމުން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު،  ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.