މަޖިލީހަށް 3 ބިލެއް ތައާރަފްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވައިފިއެވެ.

އެއީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ހުޅުލޭގައި އޮންނަ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ޙިމާޔަތްކުރުމުގެ ބިލާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2012/1 (ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މިއަދުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާ ނިންމަވާލައްވާފައިވެއެވެ.

ކޯރަމް ގެއްލުމުގެ ސަބަބުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު، ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި އެކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވުމެވެ.

 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 18 ޑިސެމްބަރ 2012 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.

04 ޞަފަރު 1434

17 ޑިސެމްބަރ 2012