މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި، މޯލްޑިވްސް ޕޮލިސް ސާރވިސް ގައި ހިދުމަތް ކުރައްވާފައިވާ އަލްމަރްޙޫމް ސާރޖަންޓް ޙުސައިން ޝަރީފް / މއ.ދޫގަސް (ސާރވިސް ނަންބަރު 1178)، 4 އޮކްޓޯބަރ 2012 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވެފައިވާތީ އެމައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އަލްމަރްޙޫމް ސާރޖަންޓް ޙުސައިން ޝަރީފުގެ މަރާގުޅޭ ތަޙްޤީޤީ ރިޕޯޓާއި، މެޑިކަލް ރިޕޯޓް އަދި ޑޮކްޓަރުގެ ލިޔުންތަކުގެ އިތުރުން މިކަމާ ގުޅުންހުރި އެހެނިހެން ލިޔުންތައްވެސް ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދި އަލުން ކޮމިޝަނަރ އޮފް ޕޮލިސްއަށް ދެންނެވުމަށް ނިންމެވިއެވެ. އަދި މިމައްސަލައާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ޕޮލިސް ލާންސް ކޯޕްރަލް އިބްރާޙިމް ހުޝާމް އާއި ޕޮލިސް ސަރޖަންޓް މުޙައްމަދު ޖިނާޙް ކޮމިޓީއަށް ޙާޒިރުކުރުމަށް ކޮމިޓީގެ ޢިއްތިފާގުން ފާސްކުރެއްވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޤައުމީ ސަލާމަތު ކޮމިޓީގެ މަސްޢޫލިއްޔަތުގެ ދަށުގައިވާ ސަރުކާރުގެ އޮފީސްތަކުން، 2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އެ ކޮމިޓީއަށް ފޮނުއްވާފައިވާ ބަޖެޓް ތަފްސީލްތައް، ބަޖެޓް ކޮމިޓީއަށް ފޮނުއްވުމަށްޓަކައި މެންބަރުންގެ ޚިޔާލުފުޅުތަކާއެކު ކޮމިޓީގެ ރިޕޯޓް ތައްޔާރުކުރެއްވުމާމެދު މަޝްވަރާކުރެއްވިއެވެ.
މިގޮތުން، ނިންމަވާފައިވަނީ ބަޖެޓް ކޮމިޓީއިން ޤައުމީ ސަލާމަތު ކޮމިޓީގެ މަސްޢޫލިއްޔަތުގެ ދަށުގައިވާ ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓް ދިރާޞާކޮށް ނިމުމުން، އެބަޖެޓަށް އުނިއިތުރެއް ގެންނަން ފެނިއްޖެނަމަ، ކޮމިޓީން ހުށަހަޅުއްވާ ރިކޮމެންޑްތައް ހުށަހަޅުއްވާނެކަމަށެވެ.
އަދި، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެ އަށް ގެނައުން މަނާތަކެތީގެ ޤާނޫނު) އަށް އިޞްލާޙުގެނައުމު ބިލާއި މެދު ދެކެވަޑައިގަންނަވާ ގޮތަކާއިމެދު މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްއާއި މިނިސްޓަރ އޮފް ޓޫރިޒަމް އަރޓްސް އެންޑް ކަލްޗަރއާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީ އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.
މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، އަލިފުށި ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނާޝިޒް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމްއެވެ.