މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 36 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ޅ) ގެ ދަށުން އާންމު ކޮމިޓީގެ މަސްޢޫލިއްޔަތުގެ ދަށުގައިވާ ކަންތައްތަކުގެ ތެރެއިން، 2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅިގެން، ބަޖެޓް ކޮމިޓީއަށް ފޮނުއްވަންޖެހޭ މަޢުލޫމާތު ފޮނުވުމަށްޓަކައި ތައްޔާރުކުރަންޖެހޭ ކޮމިޓީ ރިޕޯޓް މެންބަރުންގެ ޚިޔާލުފުޅުތަކާއެކު ތައްޔާރުކުރެއްވުމަށް ނިންމެވިއެވެ.
މިގޮތުން، މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ ޢާންމު ކޮމިޓީއިން ކުރިން ފާސްކޮށްފައިވާ ރައްޔިތުން މަޖިލީހުގެ އިދާރާގެ 2013 ވަނަ އަހަރުގެ ބަޖެޓުގެ އަދަދަށް ބަޖެޓްގައި ހިމަނުއްވައިދެއްވުމަށް އެދި ބަޖެޓް ކޮމިޓީގައި ދެންނެވުމަށެވެ.
މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުއެވެ.