މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 42 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިޤްތިޞާދީ ކޮމިޓީގެ މަސްޢޫލިއްޔަތުގެ ދަށުގައިވާ ސަރުކާރުގެ އޮފީސްތަކުން، 2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އެ ކޮމިޓީއަށް ފޮނުއްވާފައިވާ ބަޖެޓް ތަފްސީލްތައް، މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުމަށްޓަކައި މެންބަރުންގެ ޚިޔާލުފުޅުތަކާއެކު ކޮމިޓީގެ ރިޕޯޓް ތައްޔާރުކުރެއްވުމަށް ނިންމެވިއެވެ.
އެއަށްފަހު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލަށް، ކައުންސެލް ޖެނެރަލް ފޮނުއްވާފައިވާ ލަފާފުޅާއެކު ކޮމިޓީން އެ ބިލު އިޞްލާޙުކުރައްވައި ނިންމެވިއެވެ.
ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު ހުންނެވީ ސަލާމުގައެވެ. މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިއަދު ބޭއްވުނު ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.