ޤައުމީ ތަރައްޤީގެ ކޮމިޓީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ 21 ވަނަ ބައްދަލުވުމުގައި، 2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްއިން ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ޖާގަ ލިބިފައިވާ މިންވަރާއި މެދު މަޝްވަރާ ކުރެއްވިއެވެ.

މިގޮތުން މިއަދުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ބޭފުޅުންނާއި ބައްދަލުކޮށް އެމިނިސްޓްރީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކަށް 2013 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުން ޖާގަ ލިބިފައިވާ މިންވަރާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ޢަބްދުﷲ ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަޙީދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤްއެވެ.

މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އަދި ވިލިގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް ހުންނެވީ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.