ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން ޖަލްސާ 13:06 ގައި ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން 5 ފަހަރު ޖަލްސާ ފަސްކުރެއްވުމަށްފަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނިކޮށް، ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވެއްޖެނަމަ، އެހިސާބުން އެޖަލްސާއެއް ހުއްޓާލާ، ކޯރަމް ރަނގަބީލު ޖަހަންވާނެއެވެ. ކޯރަމް ރަނގަބީލު ޖެހުމަށްފަހު 5 މިނެޓް ބަލައި، މަޖިލިސްކުރާ މާލަމުގައި ހާޒިރުވެ ތިބި މެންބަރުންގެ ޢަދަދު ބަލަންވާނެއެވެ. އަދި އެ ޢަދަދަކީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށްވުރެ މަދު ޢަދަދެއްކަމަށްވާނަމަ، މެންބަރުންނަށް 30 މިނިޓަށްވުރެ ދިގުނޫން މިންވަރަށް ހުސްވަގުތުކޮޅެއްދީ، ޤާނޫނީ ޢަދަދު ހަމަވޭތޯ މަޖިލީހުގެ ރައީސަށް ބެލިދާނެއެވެ. ނުވަތަ އެ ޖަލްސާ ނުބާއްވާގޮތަށްވެސް މަޖިލީހުގެ ރައީސަށް ނިންމިދާނެއެވެ.

ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންދަވާފައިވަނީ މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، މަލީޝާ ޙައްޖު އެންޑް އުމުރާ ސަރވިސަސްގެ ނަމުގައި ޙައްޖަށް ގެންދިއުމަށް ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި އޮޅުވާލުމާއި މަކަރުގެ ދަލުގައި ޖެހުނު ދިވެހި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލުމަށް މަޖިލީހުން ފާސްކުރާ ޤަރާރުގެ ބަހުސެވެ. މިއަދުގެ ޖަލްސާގައި މިޤަރާރަށް 6 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި 3 ބިލެއް މަޖިލީހަށް ތަޢާރަފް ކުރައްވާފައިވެއެވެ. އެއީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ 2 ބިލެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 2 ބިލަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލާއި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު ހުށަހަޅުއްވާފައިވާ ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 11 ޑިސެމްބަރ 2012 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.

26 މުޙައްރަމް 1434

10 ޑިސެމްބަރ 2012