މަޖިލީހާއި ގުޅިގެން ކުރިއަށްގެންދާ “ޔޫތް ޕާލިމަންޓް ޕްރޮގްރާމް 2012″ގެ ބައިވެރިންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، އިންސްޓިޓިއުޓް އޮފް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގުޅިގެން ބާއްވާ “ޔޫތް ޕާލިމަންޓް ޕްރޮގްރާމް 2012” ގެ ބައިވެރިންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މިގޮތުން ރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވުނު މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް، ކުދިންނާ މުޙާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރީގެ ޤާނޫނުއަސާސީގެ ދަށުން ހިނގަމުންދިޔަ ގޮތުގެ މައްޗަށާއި، މިހާރު މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅުދެއްވިއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައީސްގެ ހައިސިއްޔަތުން އަދާކުރައްވާ މަސްޢޫލިއްޔަތުތަކުގެ މައްޗަށްވެސް ވާހަކަފުޅުދެއްކެވިއެވެ.

އަދި، މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން އެންމެ ރަނގަޅު ދެ ޖިންސުގެ 2 ދަރިވަރަކަށް އަންނައަހަރުގެ ކޮމަންވެލްތް ދުވަސް ފާހަގަކުރުމަށް ކޮމަންވެލްތް ޕާލަމަންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) އިން އިންތިޒާމްކޮށްގެން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް ރޭގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، މިޕްރޮގްރާމުގެ ބައިވެރިން މަޖިލީހުގެ މަސައްކަތްތަކާއި ބެހޭގޮތުން ކުރެއްވި ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖަވާބުދެއްވާފައިވެއެވެ. އަދި މި ޕްރޮގްރާމު ރޭވުމުގައި ހަރާކަތްތެރިވާ އެންމެހާ ފަރާތްތަކަށް މަޖިލީހުގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙުމަދު މުޙަންމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.