2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ނިންމަވާލައްވައިފި

2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމަވާލައްވައިފިއެވެ. މިއީ 2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓަށް މެންބަރުން ބަހުސްކުރެއްވި 3 ވަނަ ދުވަހެވެ.

މިއަދުގެ ޖަލްސާގައި 2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓަށް 38 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. އަދި 2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސްގައި ޖުމްލަ 60 މެންބަރުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އަދި ޖުމްލަ 16 ގަޑިއިރު މެންބަރުން ބަހުސްގައި ވަގުތު ހޭދަކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ހާޟިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ބަހުސް ކުރައްވަން އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތުދެއްވުމަށްފަހު ރޭގަނޑު 10:38 ގައެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވަނީ ޖަލްސާ ކުރިއަށް ގެންދެވުމުގައި މެންބަރުން ވެދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 10 ޑިސެމްބަރ 2012 ވާ ހޯމަދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.

22 މުޙައްރަމް 1434

06 ޑިސެމްބަރ 2012